ގަލަންދާން
ރުކޫޢު އިން ތެދުވެ ހަށަންބަނުމުގެ ޙުކުމުގެ މައްޗަށް ޢަދުލުވެރި ޚުލާޞާއެއް
1. ނަމާދުގައި ހަށަންބަނުމުގެ ޙުކުމް
ނަމާދުގައި ކޮޅަށް ހުންނަ ހިނދުގައި ވާއަތް މަތީ ކަނާއަތް އަޅައި
ހަށަންބަނުމަކީ ޝަރުޢުވެގެންވާ ކަމެވެ. ސުންނަތެކެވެ. އަދި
މާލިކުގެފާނުގެ މަޛުހަބުގެ މަޝްހޫރު ޤަޥްލާއި ޚިލާފަށް
އެކަލޭގެފާނުގެ އަރިހުންވެސް ޞައްޙަ ޤަޥްލަކީ މިއެވެ. އެއީ
މުވައްޠައުގައި އެކަލޭގެފާނު ބާބު ކުރެއްވި ގޮތެވެ.
އައްޠަރީފީ ވިދާޅުވިއެވެ: ”މިއާއިއެކުވެސް ސަލަފުންގެ ތެރެއިން
އެއްވެސް ބޭކަލެއް -ޞަޙާބީންގެ ތެރެއިންވެސް ތާބިޢީންގެ
ތެރެއިންވެސް އަތުބާޢުއް ތާބިޢީންވެސް އަދި ހަތަރު އިމާމުންގެ
ތެރެއިން ބޭކަލެއްވެސް- ހަށަންބަނުން ވާޖިބުވެގެންވާކަމަށް
ވިދާޅުވިކަން އަހުރެންނަށް އެނގިގެންނުވެއެވެ.“ — ނިމުނީ.
އަދި ހަށަން ބަނުމާއި ނުބަނުމުގެ ސުންނަތް ކަމާއި މެދު
މާލިކީންނާއި ބައެއް ތާބިޢީންގެ ފުށުން އޮތް ޚިލާފީ ރައުޔު
އެބޭކަލުން ދަލީލު މިނެކިރުއްވާ ގޮތްތަކުގެ ތަފްޞީލު ބަޔާން
ކުރެއްވުމަށް ފަހު އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ:
”މިއާއިއެކުވެސް އެބޭކަލުން (އެބަހީ ދެކޮޅުގައިވެސް ތިއްބެވި
ފިޤުހުވެރީން) ތެރޭގައި އިއްތިފާޤުވެފައިވަނީ އެއްޗަކީ،
އަތްދޫކޮށްލިޔަސް ނޫނީ ވާއަތްމަތީ ކަނާއަތްއަޅައި ބަނަސް ނަމާދު
ބާޠިލުވުމެއް ނުވާކަމުގައެވެ.“ — ނިމުނީ.
އައްޠަރީފީ ވިދާޅުވިއެވެ: ”ނަމާދުގައި ވާތްމަތީގައި ކަނާތުން
ހިފެހެއްޓުމަކީ އަދަބުވެރިކަން ފުރިހަމަވުމުގެ ތެރެއިންވާކަމެކެވެ.
އަދި ﷲ އަށް މާތްކޮށް ހިތުމުގެ ތެރެއިންވާކަމެކެވެ.
މީސްތަކުންވެސް، އަދި އެމީހަކަށް ކަމޭހިތޭ މަތިކުރެވޭ މީހެއްގެ
ގާތުގައި އެހެންހެދުމަށް އަމުރުކުރެވެމުންވެސް ދިޔައެވެ. އެހެނީ
ޝައްކެއްނެތް ގޮތުގައި އެކަމަކީ ރަސްރަސްކަލުންނާއި ބޮޑުންގެ
ކުރިމަތީގައި ކޮޅަށް ހުންނައިރު އަދަބުކުރުނީސްވުމުގެ
ތެރެއިންވާކަމެކެވެ. ދެންފަހެ މަތިވެރި ފަރާތްތަކުގެ ތެރެއިން
އެންމެ މަތިވެރި ފަރާތަށް އެކަން މާޙައްޤުވެގެންވެއެވެ.“
އަދިވެސް ވިދާޅުވިއެވެ: ”ވަރުބަލިވެގެން ނޫނީ އެހެންކަމަކަށްޓަކައި
ނަމާދުކުރާ މީހާ އަތް އެލުވާލަން ބޭނުންވެއްޖެނަމަ، ކުއްލިއަކަށް
ދެއަތްމޮހެލާ ވައްޓާނުލާހުށިކަމެވެ. އެކަމަކު މަޑުމަޑުން
ހިމޭންކޮށް ދެއަތް ދޫކޮށްލާނީއެވެ. އެއީ އެފަރާތެއްގެ
ކުރިފުޅުމަތީގައި އޭނާ ހުއްޓިހުރި ފަރާތަށް ޤަދަރުކުރުމުގެ
ގޮތުންނެވެ.“
އަދިވެސް ވިދާޅުވިއެވެ: ”ހުރިހާ ރަކްޢަތްތަކެއްގައިވެސް ކޮޅަށް
ހުންނަ ޙާލަތުގައި އިންސާނާ ހަށަންބަދެގެން ހުރުން ދެމިގެންވެއެވެ.
ކޮޅަށް ހުރެގެން މެނުވީ ސަޖިދައާއި ރުކޫޢު އަދާނުކުރެވޭ މީހާ
މިއިން ބޭރުވާނެއެވެ. އެހެނީ އިންސާނާ ދެސަޖިދަ ދެމެދުގައިވެސް،
ކޮޅަށް ހުރެދާނެއެވެ. އެއީ މިސާލަކަށް ތޮއްޖެހިގެންވާ ތަނެއްގައި
ނަމާދުކުރާ މީހާ، ނުވަތަ އޭނާގެ މައިކަށި ގުދުކުރަން
ކުޅަދާނަވެގެންނުވާމީހާ ފަދަ މީހާއެވެ. ދެންފަހެ މިފަދަ މީހާ،
ދެސަޖިދަ ދެމެދުގައި އިންނަ މަޤާމުގައި ކޮޅަށް ހުރިނަމަވެސް
ހަށަންނުބަންނަ ހުއްޓެވެ. މިއީ އަޞްލު ޙާލަތުން އިސްތިޘްނާވެގެންވާ
ޙާލަތެކެވެ. އެއީ ކޮޅަށްހުރުމަށް އޭނާއަށް ޢުޛުރު
ލިބިގެންވާތީއެވެ. އޭނާގެ ޙުކުމަކަށްވާނީ ރުކޫޢުގައި ނުވަތަ
ސަޖިދާގައި ނުވަތަ އިށީންދެގެން އިންނަ މީހާގެ ޙުކުމެވެ.“
(މިނުކުތާގައި އިތުރު ތަފްޞީލަށް އަދި އައްޠަރީފީގެ
ޤަޥްލުތަކުގެ މަޞްދަރު: ނަބިއްޔާ ﷺ ގެ ނަމާދުގެ ޞިފަ އަދި އެއާއި
ގުޅިފައިވާ ޛިކުރުތަކާއި ރަވާތިބު ސުންނަތްތައް - pdf ފޮތް)
2. ރުކޫޢު އަށް ފަހު ވާތްމަތީ ކަނާއަތް ބޭއްވުމުގެ ޙުކުމް
އައްޠަރީފީ ވިދާޅުވިއެވެ:
”ރުކޫޢުން ތެދުވުމަށްފަހު ހަށަންބަނުމަށް ޞަރީޙަ ސާފު ދަލީލެއް
އަހުރެންނަށް އެނގިގެންނުވެއެވެ. އެހެންވެ އިމާމް އަޙްމަދު
ވިދާޅުވިއެވެ: ”މިކަމުގައި ތަނަވަސްކަން ކުޑަ ނުވާނޭ ކަމުގައި
އަހަރެން އުއްމީދުކުރަމެވެ.“
އެކަލޭގެފާނުގެ ގިނަ އަޞްޙާބުންތަކެއް އިޚްތިޔާރު ކުރެއްވީ
(ރުކޫޢަށް ފަހު ޤިޔާމުގައި ތިބޭ އިރު) ހަށަންބަނުމެވެ. އޭގެ
ތެރޭގައި: ޤާޟީ އަބޫ ޔަޢުލާވެއެވެ. އަދި އިބްނު ޙަޒްމުގެ
ވާހަކައިން ދޭހަވާ ގޮތަކީވެސް އެއީއެވެ. އަދި އެޙާލަތެއްގައި
ހަމަޖެހި ޤަރާރުވެގެން ހުންނަ ކޮންމެ ކޮޅަށްހުރުމެއްގައި އެހެން
ކަންތައްކުރަން ޙަނަފީންގެ އަލްކާސާނީ
މުސްތަޙައްބުކުރިއެވެ.
މިކަމުގައި ހަރުކަށިވުމެއް ނެތެވެ. އެހެނީ އެއީ ތަނަވަސްވެގެންވާ
ކަމެކެވެ.“
އިމާމް އަޙްމަދުގެ ޤަޥްލު

[ފޮޓޯ] އިބްނުލް ޤައްޔިމު (رفع اليدين في الصلاة، ޞ 293 ގައި)
ވިދާޅުވިއެވެ:
”ރުކޫޢުއިން ތެދުވެ ދެއަތް އުފުލައި ކޮޅަށް ހުންނަ ހިނދުގައި، ފަހެ
އެދެއަތް ދެފަރާތަށް ތިރިކުރާނީހެއްޔެވެ؟ ނޫނީ ވާތުގައި ކަނާއަތުން
ހިފާނީހެއްޔެވެ؟
[އިމާމް] އަޙްމަދުގެ ދަރިކަލުން ޞާލިޙު ވިދާޅުވިއެވެ: ބައްޕަ
ގާތުގައި އަހަރެން ދެންނެވީމެވެ: ”ރުކޫޢުއިން މީހަކު
ތެދުވުމަށްފަހު އޭނާގޭ އަތް ބާއްވަންވީ ކޮންގޮތަކަށްތޯއެވެ؟ އޭނާ
ވާތްމަތީގައި ކަނާއަތް ބާއްވަންވީތޯއެވެ؟ ނޫނީ ދެއަރިމަށްޗަށް އަތް
ދޫކޮށްލަން ވީ ތޯއެވެ؟
އެކަލޭގެފާނު ވިދާޅުވިއެވެ:
”މިކަމުގައި ތަނަވަސްކަން ކުޑަ ނުވާނޭ ކަމުގައި އަހަރެން
އުއްމީދުކުރަމެވެ. إِن شَاءَ الله.“ —اهـ.
އަލްޤާޟީ ވިދާޅުވިއެވެ: ”މިބަސްފުޅުން ބޭރުފުށަށް ދޭހަވަނީ، ހަށަން
ބަނުމާއި ދޫކޮށްލުމުގައި އިޚްތިޔާރު އޮތުމެވެ. އެގޮތުން އޭނާ
ހަށަން ބަނުމަށް އިޚްތިޔާރުކޮށްފިނަމަ އެކަން ހުއްދައެވެ. އެހެނީ
އެއީ ނަމާދުގައި ޤިޔާމުގައި (ކޮޅަށް) ހުންނަ ޙާލަތެކެވެ. ވީމާ
ރުކޫޢުގެ ކުރިން ހުރި ހުރުމާއި އެޔާއި އެއްގޮތެވެ. އަދި އޭނާ އަތް
ދޫކޮށްލާން އިޚްތިޔާރު ކުރާނަމަ އެކަންވެސް ހުއްދައެވެ. އެހެނީ
މިޙާލަތަކީ ރުކޫޢުއަށް ފަހުގެ ވަކި ޙާލަތެކެވެ. އެކަން
އެއްގޮތްވެގެންވަނީ ސަޖިދަޔާއި އިށީނުމުގެ ޙާލަތާއިއެވެ. (މާނައީ
ފުރަތަމަ ޤިޔާމާއި ތަފާތު އެހެން ޙާލަތެއް ކަމެވެ.) “
— އިބްނުލް ޤައްޔިމުގެ ބަސްކޮޅު ނިމުނީ.

[ފޮޓޯ] ޞާލިޙުގެ މަސާއިލު ފޮތުން އިމާމު އަޙްމަދު ގެ ބަސްކޮޅު

[ފޮޓޯ] އަލްއިންޞާފް (ޞ. 63) ގައި އަލްމަރްދާވީ ވިދާޅުވިއެވެ:
”އިމާމް އަޙްމަދު ވިދާޅުވިއެވެ: ”ރުކޫޢު އިން އޭނާ ބޯހިއްލާހިނދު،
އޭނާ ބޭނުންނަމަ ދެއަތް ދެއަތަށް ތިރިކޮށްލާށެވެ. އަދި އޭނާ
އެދޭނަމަ ވާތްމަތީ ކަނާއަތް އަޅާށެވެ. “ — ނިމުނީ.
3. މިމައްސަލައިގެ ޚުލާޞާ
އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ އާއި ސުވާލުވެވުނެވެ:.
ރުކޫޢު އިން ކޮޅަށް ތެދުވުމަށް ފަހު ދެއަތް ދެއަރިމައްޗަށް
ތިރިޔަށް ދޫކޮށްލުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު:
”މީގައި އަރެންގެ އިޚްތިޔާރަކީ އަލްއިމާމް އަޙްމަދު
މިމައްސަލައިގައި ކަނޑައެޅުއްވިގޮތެވެ. އެއީ ބޭނުންނަމަ ވާތްމަތީ
ކަނާއަތް ބޭއްވުމެވެ. އަދި ބޭނުން ނަމަ ދެއަތް ދޫކޮށްލުމެވެ.
އެހެނީ މި ދެމާނައަށް ވެސް ދަލީލުތައް ނެގެއެވެ.
އެހެންކަމުން މިޘާލަކަށް ރުކޫޢު އިން ތެދުވެ ވާތްމަތީ ކަނާއަތް
ބޭއްވުމަށް ބުނާ ފަރާތް ތަކުގެ ޙުއްޖަތަކީ (ސީދާ އެވަޤުތައް ޚާއްޞަ
ނޫން) ޢާންމު މާނައިގައި ވާރިދުވެފައިވާ ރިވާޔަތް ތަކެވެ:
(އެއިން އެއްރިވާޔަތަކީ ސަހްލު ބުނު ސަޢުދުގެ ރިވާޔަތެވެ.)
"ނަމާދުގައި މީހާ، އޭނާގެ ކަނާތް، ވާތު އަތްދަނޑީގައި ބޭއްވުމަށް
މީސްތަކުންނަށް އަމުރުކުރެވިގެންވިއެވެ."
އަނެއް ރިވާޔަތަކީ: ރަސޫލު ﷲ ﷺ ”...ކަނާތްޕުޅު، ވާތްޕުޅުގެ
ކަޅުހަންމަތީފުށުގައި، ކުޑަހުޅާއި، އަތްދަނޑިފުޅު މަތީގައި
ބޭއްވެވި" ކަން ދެކެވަޑައިގެންނެވި ކަމުގައި އޮތް (ވާއިލު ބުނު
ޙުޖުރުގެ) ޙަދީޘެވެ.
މިގޮތަށް ޢާންމު މާނައިގައި ހުރި ދަލީލުންނެވެ.
(ދެއަތް) ދޫކޮށްލުމުގެ މައްޗަށް ބުނާ ފަރާތް ތަކުން ބުނަނީ،
ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވާ ގޮތޮުން އެކަލޭގެފާނު
ރުކޫޢުއިން ތެދުވެވަޑައިގަންނަވާހިނދު ”ކޮންމެ ކަށިކޮޅެއްވެސް އޭގެ
ޖަގަހަޔަށް އެނބުރި ދިޔުމާއި ހަމަޔަށް“ (ހަށިގަނޑު) ސީދާ
ކުރައްވާ ކަމުގައެވެ. އަދި ކޮޅަށް ހުންނަހިނދުގައި އަތުގެ ޠަބީޢީ
ޖަގަހައަކީ ދޫކޮށްލާފައި ހުރުން ކަމުގައެވެ.
(އަނެއް ކޮޅުަން) މިއަށް ރައްދުގައި ދޭ ޒުވާބަކީ، އެއީ ކުރިން
(ނަމާދުގައި) ހުރި ޖަގަހަޔަށް، ހުރި ގޮތަށް، ކޮންމެ ކަށިކޮޅެއްވެސް
ދިޔުން ކަމުގައެވެ. (އެބަހީ ރުކޫޢުގެ ކުރިން ހަށަންބަނދެގެން
ހުރުން ޙާލަތަށް ރުޖޫޢަވުން ކަމުގައެވެ.)
އެހެންކަމުން އަހަރެން ދެކެނީ މިކަންތަކުގައި (އިޚްތިޔާރު)
ތަނަވަސްވެގެންވާ ކަމުގައެވެ. މީގައި ބުނެވިދިޔަ އިމާމު އަޙުމަދުގެ
ބަސްފުޅު ހެޔޮވެގެން ވެއެވެ. والله أعلم. “ — ނިމުނި.
ފައިދާއެއް:
ޢާންމު ޙަދީޘު ތަކުގެ މައްޗަށް ރުކޫޢުއިން ތެދުވެ ހަށަން ބަނުން
ޝާމިލު ކުރައްވާ، ފަހުގެ މުޙައްދިޘުންގެ ތެރޭގައި، އައްޠަރީފީގެ
އިތުރުން، އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން އާއި އައްޝެއިޚް އަލްމުޙައްދިޘް އަބްދު ﷲ އައްސަޢުދު ހިމެނިލައްވައެވެ.
މިއާއި ޚިލާފަށް އައްޝެއިޚް އަލްމުޙައްދިޘް ޞާލިޙް އަލްޢުޞައިމީ
ވިދާޅުވީ، ”ބޮޑަށް ފާޅުވަނީ ސުންނަތާއި ގާތް ގޮތަކީ އަތް
ދޫކޮށްލުން“ ކަމުގައެވެ. އަދި ހަށަން ބަނުން ޖާއިޒު ކަމުގައެވެ.
(މަނަލެއް ނެތޭ އެވެ.) އަދި އެއީ ބިދުޢައެކޭ ބުނުމަށް އެއްވެސް
ޙުއްޖަތެއް ނުވާ ކަމުގައެވެ.
4. ރުކޫޢުއިން ތެދުވެ ހަށަން ބަނުމަކީ ބިދުޢައެއް ނޫން، އަދި މިކަމުގައި ހިފުމާއި ނުހިފުމުގައި ޢާންމު މަޞްލަޙަތަށް ބެލުމުގެ ޙުކުމް
އަލްޢުޞައިމީ ވިދާޅުވިއެވެ:
”އެހެންކަމުން މިކަމުގައި އެއްވެސް ބައެއް އެނޫން ބަޔަކަށް
އިންކާރު ކުރުން ނުވެއެވެ. އަދި މިއީ ބިދުޢަތަކުން ބިދުޢަ އެކޭ
ދައުވާ ކުރާ ކުރުމަކީ އެއަށް އެއްްވެސް ދަލީލެއް ނުވާ ބުނުމެކެވެ.
އަދި އިސްލާމީ ފިޤުހުވެރިންގެ ތެރެއިން އެންމެ ބޭކަލެއްވެސް
(މުސްލިމުންގެ) އެންމެ ފުރަތަމަ ޖީލުން ފެށިގެން ފަހުގެ މިޤަރުނާއި
ހަމަޔަށް އެއީ ބިދުޢައެއް ކަމުގައި ވިދާޅުވެފައިވާ ކަމަށް އެނގޭން
ނެތެވެ. މިސަބަބަށްޓަކައި އިމާމު އަޙުމަދު އަރިހުން ޞައްޙަވެފައިވާ
ފަދައިން އެކަލޭގެފާނު ވަނީ ނަމާދު ކުރާ މީހާއަށް މިކަމުގައި
ބޭނުންނަމަ ހަށަންބަނުމަށް އަދި ބޭނުން ނަމަ އަތްދޫކޮށްފައި
ބެހެއްޓުމަށް އިޚްތިޔާރު ދެއްވާފައެވެ...
(ދެން ދަންނައެ) މިކަމުގެ ސަބަބުން ޢާންމުންގެ މެދުގައި ނުބައި
ހީއެއް އުފެދެދިދާނެ ނަމަ، ...އެއީ އިމާމު ކަމުގައި ވިޔަސް ނޫނީ
މައުމޫމެއް ކަމުގައި ވިޔަސް، އެވެރިންގެ ތެރޭ އެކަމަކީ
ނުރުހުންތެރި ކަމެއް ގޮތުގައި ބަލާނަމަ، އެޙާލަތުގައި މިޢަމަލު
ވަނީ ދޫކޮށްލުމެވެ. (މިޘާލަކަށް އަރަބި ޖަޒީރާ ގެ ޢާންމުން
ތެރޭގައި ހަށަން ނުބަނުމަކީ އަޢިބުކަމެކެވެ. އެހެނީ އެވެރިން ތެރޭ
ޢާންމުވެފައިވަނީ އިމާމު އަޙުމަދުގެ މަޛުހަބުގެ ހަށަން ބަނުމުގެ
އިޚްތިޔާރެވެ. ވީމާ އެތާނގައި ވަކިން ޚާއްޞަކޮށް އިމާމުވެ ނަމާދު
ކުރާ މީހެއް ނަމަ ހަށަން ދޫކޮށްލުމީ ނޭދެވޭ ގޮތެވެ.)
އެހެނީ، ޙިކުމަތްވަންތަ އިލާހުގެ ޝަރީޢަތް ފަހުމު ކުރުމުގެ
ޢަސާސުތަކުގެ ތެރެއިން ވާ އެކައްޗަކީ، އެކަމުގެ ސަބަބުން
މީސްތަކުންގެ ހިތްތައް އެކަތިކުރެވޭނަމަ (ވާޖިބު ނޫން) ސުނަނު
ތަކުން އެއްޗެއް ދޫކޮށްލުމީ ޝަރުޢުވެގެންވާ ގޮތެއް ކަމެވެ. އެއީ
ޢިލްމުވެރިންގެ ބައިގަނޑެއް އަރިހުން ނައްޞު ވެފައިވާ
ފަދައިންނެވެ. އޭގެތެރޭގައި އަބުލް ޢައްބާސް އިބްނު ތައިމިއްޔާ،
ކާފަދަރިކަލުން (އެބަހީ: ޝެއިޚުލް އިސްލާމް) رحمه الله تعالى رحمة
واسعة ހިމެނިލައްވައެވެ.“
~ ގަލަންދާނު
