ގަލަންދާން
ޤުރުއާން ތަދައްބުރު ކުރުމަށް އޮތް ގޮތް ތަކަކީ ކޮބައިތޯއެވެ؟
سماحة الشيخ العلامة سليمان العلوان (حفظه الله)
❞ ޤުރުއާނާއިމެދު ފުންކޮށް ވިސްނައި ފިކުރު ހިންގުމަށް (ތަދައްބުރު ކުރުމަށް) އޮތް ގޮތް ތަކަކީ ކޮބައިތޯއެވެ؟
ދެންފަހެ، ޤުރުއާން ތަދައްބުރު ކުރުމަށް އެހީތެރިވެދޭ
ތަކެއްޗާއިމެދު ދަންނައެ، އެތަކެތި ވަރަށް ގިނަގުނައެވެ.
(1) އޭގެން އެންމެ މުހިންމު (ފުރަތަމަ) ކަމަކީ ތަދައްބުރާއި އެކީ
ޤުރުއާން ކިޔެވުމެވެ. އެހެނީ މީގެ ސަބަބުން ބޮޑުވެގެންވާ
ދެކަމަކަށް އެހީތެރިވެދެއެވެ. އަދި އެއެއް ޙާޞިލުވެއްޖެތަ؟
ބޮޑުވެގެންވާ ހެވެއް އޭނާއަށް ލިބިއްޖެއެވެ. އަދިކިއެއްތަ؟
އަހަރެމެން ބުނާނީ އެޙާޞިލުވެއްޖެނަމަ އޭނާއަށް އެއްވެސް އެއްޗެއް
މަދުވެފައި ނުވެއޭ އެވެ. ފުރަތަމަ އެއްޗަކީ: ފަހުމެވެ.
ދެވަނަ އެއްޗަކީ: އެއިން ﷲ އަށް ބިރުގަތުމާއި ބިރުވެތިވުން
އަޅަކަށް ލިއްބައިދިނުން
(ނޯޓް: މިތާނގައި ﷲ އަށް ”ބިރުގަތުމާއި ބިރުވެތިވުމޭ“ މާނަ
ކުރެވިފައި ވަނީ: الخوف އަދި
الخشية އަށެވެ. ”އަލް-ޚަޥްފު“ އަކީ އެކަމެއްގެ
ޢިލްމެއް ނެތްނަމަވެސް ކަމެއް ދެކެ އިންސާނާ ގަންނަ ބިރެކެވެ. އެއީ
ހިތް ތެޅި އެއިން އޭނާ ރެކެން ބޭނުންވާ ބިރެކެވެ. އަދި
”އަލް-ޚަޝްޔާ“ އަކީ ޚަޥްފު އަށް ވުރެ ޚާއްޞަ ބިރެކެވެ. އެއީ
އެކަމެއްގެ ޙަޤީޤަތް އެނގިގެން ބިރުވެތި ވުމެވެ. އަދި މިއީ މި
ބިރެއްގެ ސަބަބުން އިންސާނާ މައިތިރިވާ އެއްޗެކެވެ. ﷲ ވަޙީ
ކުރެއްވިފަދައިންނެވެ:
﴿إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ
الْعُلَمَاءُ﴾
(اللَّه އަށް ޚަޝްޔާ ވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން
علم ވެރިންނެވެ.) —ނޯޓް ނިމުނީ.)
އަދި އަޅަކު ﷲ އަށް އެދި އެއިލާހަށް ޚަޝްޔާ އާއި ޚަޥްފުވާހިނދު،
ބޮޑުވެގެންވާ ހެވެއް ޙާޞިލުވެއެވެ.
(2) ދެވަނަ ކަމަކީ: ތަފްސީރު ފޮތް ތަކުން އެހީ ހޯދުމެވެ. ވަރަށް
ގިނަ މީހުންނަށް ޤުރުއާނަށް ފިކުރު ނުހިންގެނީ އަދި ތަދައްބުރު
ނުކުރެވެނީ، އޭގެ މާނަ އެވެރިންނަށް ފަހުމް ނުވާތީއެވެ.
ޤުރުއާނުން ފަހުމް ނުވެ އޮތް ތަންކޮޅެއް ތަދައްބުރުގެ ނަތީޖާއަކަށް
ފަހުމް ކުރުމަށް މަގުހުޅުވެއެވެ. އަދި އޭގެ ސަބަބުން ތަފްސީރު ފޮތް
ތަކަށް ރުޖޫޢަވެވެއެވެ. އަދި މިގެ ސަބަބުން ޢިލްމު އަށަގަނެއެވެ.
ޤުރުއާނުގެ ދެތަނެއްގައި ﷲ جل وعلا ވަޙީ ކުރެއްވިއެވެ:
﴿أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ
عِندِ غَيۡرِ ٱللَّهِ لَوَجَدُواْ فِيهِ ٱخۡتِلَٰفٗا
كَثِيرٗا﴾
(އެމީހުން ފަހެ قرآن އަށް تدبير ކޮށް ވިސްނާ فِكْرُ ކޮށް
ނުހަދަނީބާވައެވެ. އެ قرآن އެއީ ﷲ ނޫން ފަރާތަކުން
ބާވައިލައްވާފައިވާ ފޮތެއްނަމަ އޭގައި ވަރަށް إختلاف ތައް -
ތަފާތުތައް - ވާތީ އެމީހުން ދެކޭނެކަން ކަށަވަރެވެ.) — މިއީ
ފުރަތަމަ ތަނެވެ.
އަނެއް ތަނަކީ:
﴿أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ
أَقۡفَالُهَآ﴾
(އެމީހުންފަހެ قُرْآن އާއި މެދު ވިސްނާފިކުރުކޮށް ތަދުބީރުކޮށް
ނުހަދަނީ ބާވައެވެ. ނުވަތަ އެމީހުންގެ ހިތްތައްއެވަނީ ތަޅު އަޅުވާ
ބަންދުކޮށްފައިހެއްޔެވެ؟)
ޢިލްމުވެރިން ކުރެ ބައިގަނޑެއް ވަނީ ޤުރުއާން ތަދައްބުރު ކުރުމަކީ
ވާޖިބެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އެހެންީ (ފިޤުހީ
އުޞޫލުގައި ވާފަދައިން) އެއަކާއި ނުލައި ވާޖިބެއް ފުރިހަމަ ކުރުން
ނުކުޅަދާނަ އެއްޗަކީ، ޚުދު ވާޖިބެކެވެ. އަދި ޤުރުއާނަށް ފަހުމް
ވުމެއް ތަދައްބުރު އާއި ނުލައެއް ނާދެއެވެ. އަދި ﷲ ފަހުމް
ކުޅައުމަކީ ވާޖިބެކެވެ.
އިބްނުލް ޤައްޔިމް رحمه الله تعالى "އަލްމަދާރިޖް" ގައި، ﷲ
سُبْحَانَهُ وَتَعَالَىٰ އަށް ލޯބި އަށަގަންނުވައިދޭ 10
ކަމެއް ޛިކުރު ކުރައްވަމުން އެއިން އެކައްޗަކަށް ވިދާޅުވި،
ތަދައްބުރާއި އެކު ޤުރުއާން ކިޔެވުމެވެ.
ކީއްވެހެއްޔެވެ؟ ތިބާއަށް ފޮތެއް ދެވުމުން، އޭގައި ލިޔެވިފައިވާ
އެއްޗަކާއިމެދު ވިސްނަންޖެހެއެވެ. ވީމާ އެއިން މަގުކޮށަނީ
ތަދައްބުރު ކުރުމަށެވެ. އަދި ފަހުމް ނުވެ އެއަށް ޢަމަލުކުރުމީ
ކުޅަދާނަކަމެއް ނޫނެވެ. އަދި ކަމެއްގެ ޢިލްމު ވަނީ އެއަށް ޢަމަލު
ކުރުމުގެ ކުރިޔަށް އިސްވެގެންނެވެ. އެހެނީ ﷲ جل وعلا ވަރީ
ކުރައްވަނީ:
﴿فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ﴾
(ފަހެ ހަމަކަށަވަރުން الله މެނުވީ حَقُّ އިލާހަކު ނުވާކަން
ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!) ޤަޥްލުގެ ކުރިޔަށް ފެއްޓެވީ
ޢިލްމުންނެވެ.
އިންސާނާ ކޮންމެ ނަމާދެއްގައި
﴿غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ﴾
ކިޔަވައެވެ. (މާނައީ: އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ
މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް
ނުމެނޫންމެއެވެ.) އޭނަ ކިޔަވައެވެ:
﴿ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ﴾ (އަޅަމެންނަށް،
ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!) އަދި އެއީ
އެބަޔަކަށް ”ނިޢުމަތް“ ދެއްވެވުނު މީހުންގެ މަގެވެ. —
ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިހުންގެ
ތެރެއިންނެވެ.
﴿غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ﴾ (އެއުރެންގެ
މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ.) އެއީ
ޔަހޫދީންނެވެ. އެވެރިން ގާތުގައި ޢިލްމުވިއެވެ. އެހެނަސް އެއަށް
އެވެރިން ޢަމަލު ނުކުރެތެވެ. ﴿وَلَا ٱلضَّآلِّينَ﴾
(އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.)
ނަޞާރާއިންނެވެ. ޖާހިލުކަމުގައި ތިބެ އެވެރިން ﷲ އަށް އަޅުކަން
ކުރެތެވެ.
ވީމާ ތިބާ ﷲ جل وعلا ގާތުން އެދެނީ އެބަޔަކަށް ކޯފާލެއްވި މީހުންގެ
މަގުން ދުރުކުރެއްވުމަށެވެ. އެއީ ޔަހޫދީންނެވެ. އަދި ނަޞާރާއިންގެ
މަގުންނެވެ.
ޝެއިޚުލް އިސްލާމް رحمه الله ޛިކުރު ކުރައްވާފައިވާ ގޮތުގައި،
ރެޔާއި ދުވާލު 17 ފަހަރަށް އެބަޔަކަށް ކޯފާލެއްވުނު މީހުންނާއި
މަގުފުރެދުނު މީސްތަކުންގެ މަގުން އެއްކިބާ ކުރެއްވުމަށް އަޅެއް ﷲ
ގެ ޙަޟުރަތުގައި އާދޭސް ދަންނަވާހިނދުގައި ވެސް، އޭނާ އަށް ހީވޭސް
ނުވެ، އެ ކޯފާ ލެއްވުނު މީހުންނާއި މަގުފުރެދުނު މީހުންގެ މަގުގައި
އޭނާ ހުރެދާނެއެވެ.
އެހެންޏާ އޭނާ ޢަމަލު ނުކުރަނީ އެވެ. ނޫނީ އޭނާ ﷲ އަށް އަޅުކަން
ކުރަނީ ޖާހިލު ކަމުގައި އެވެ. (އެންގެވުނު ގޮތަކަށް ނޫނެވެ.)
މިގޮތުން ބައެއް ސަލަފުން ވިދާޅުވެފައި ވެއެވެ: ފާޖިރު
ޢިލްމުވެރިޔާ އާއި ޖާހިލު އަޅުވެރިޔާގެ ފިތުނައިން ރައްކާާވެ
ތިބޭށެވެ. އެދެބައިމީހުންގެ ފިތުނައީ ފިތުނައިގައި ޖެހޭ ކޮންމެ
ބައެއްގެ ފިތުނައެވެ.
ސުފްޔާން رحمه الله ވިދާޅުވިއެވެ: އަހަރެމެންގެ ޢިލްމުވެރިން ކުރެ
ފާސިދުވީ މީހުންނަކީ، ޔަހޫދީންނާއި އެއްގޮތް ކަމެއް ވާ ބައެކެވެ.
އަދި އަހަރެމެންގެ އަޅުވެރިން ކުރެ ފާސިދުވާ މީހުންނަކީ،
ނަޞާރާއިންނާއި އެއްގޮތް ކަމެއް ވާ މީހުންނެވެ.
އެހެނީ އެވެރިން (ޔަހޫދީން) ގާތު ޢިލްމު އޮވެމެ އެއަށް ޢަމަލު
ނުކުރިއެވެ. އަދި އަޅުވެރިން ކުރެ ފާސިދުވީމީހުން، ޖާހިލުކަމުގެ
މަތީގައި މެނުވީ ﷲ އަށް އަޅުކަމެއް ނުކުރެތެވެ.
މުސްލިމުންގެ އެތައް ބައެއްގެ ފުށުގައި މަގުފުރެދުން އަށަގަތުމުގެ
ސަބަބަކީ، އަދި ސޫފީންނާއި އެއާއި އެއްގޮތް ޖާހިލިއްޔަތުގެ
ގޮތްތައް މަތީ އޮތް އެތައް ޖަމާޢަތެއް އުފެދުމުގެ ސަބަބަކީ،
ޖާހިލުކަމެވެ. އޭގެ އަޞްލަކީ މިއެވެ. އަދި އޭގެ ނިވަލުގައި
އެންމެހާ ބިދުޢަތަކާއި ޖާހިލުކަމުގެ މީސްތަކުން އުންމަތުގެ
ތެރޭގައި ނުބައިތައް ފަތުރައެވެ.
މިސަބަބަށްޓަކައި ޢުމަރު ބުނު ޢަބްދުލް ޢަޒީޒު رحمه الله تعالى
ޢިލްމު ހޯދުމަށް މީސްތަކުންނަށް ވަޞިއްޔަތް ކުރެއްވިއެވެ.
އަދި އަޅުކަމަށްވުރެ އެ ހެޔޮވެގެން ވާކަމުގައި ވިދާޅުވިއެވެ. އަދި
މިކަމުގެ މިޘާލެއްގެ ގޮތުން ޚަވާރިޖުން ގެންނެވިއެވެ. އެހެނީ
އެވެރިންގެ ޖާހިލުކަމަށް މަގުކޮށީ ހަތިޔާރު އުފުލައި ނަބިއްޔު ﷺ ގެ
އަޞްޙާބުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށެވެ. އަދި ޖާހިލުކަން
މެނުވީ މިއަށް ލާޒިމުނުކުރެއެވެ. އެވެރިންގެ ފުށުގައި ބުއްދިއެއް
އަދި ޛައްރެއްގެ މިންވަރު ވިޔަސް ޢިލްމެއްވީހީ ނަމަ، ޢަލީ رضي الله
عنه ގެ މޫނުފުޅު މައްޗަށް ކަނޑި ނުއުފުލީހެވެ. އަދި ޢަލީގެފާނީ
ޖަންނަތް ވަޢުދުވެވުނު ބޭކަލެކެވެ. އެހެންނަމަ މިއީ ޖަންނަތް
ވަޢުދުވެވުނު ބޭކަލެއްކަން ދަނެ އެކަލޭގެފާނަށް ތަބަޢަވުމަށް
އެވެރިންގެ ބުއްދިން ދަލީލު ކުރީހެވެ. މިއީ ހަމައެކަނި ބުއްދިން
އެނގޭނޭ މިންވަރެކެވެ. އަދި ނަޤުލުވެވޭ ދަލީލުތައް ބަހައްޓާށެވެ.
އެހެނަސް އެވެރިން (މަގުފުރެދުނީ) ޖާހިލުކަމުގެ ސަބަބުންނެވެ. ﷲގެ
ފޮތް އެވެރިން އެ ތިލާވަތް ކުރިވަރު އެ ފަހުމުވީ ވަރަށް ވުރެ
ބޮޑެވެ. އެއިން އެއްވެސް އެއްޗެއް އެވެރިންނަށް ފަހުމެއް ނުވެއެވެ.
އެވެރިން ފުށުގައި ޢިލްމެއްވީހީ ނަމަ، މިކަމުން އެވެރިންނަށް
ހުރަސް އެޅީހެވެ.
މިއީ މިއަޚާ ކުރި ސުވާލަަށް އޮތް ޖަވާބެކެވެ. ތަދައްބުރު ކުރުމަށް
ބާރުދޭ ކަންތަކުގެ ތެރެއިން އެކައްޗަކީ، ތަދައްބުރު ކުރުމަކީ
ވާޖިބެއް ކަމުގައި ދަނެގަނެވުމެވެ. އެއީ ވާޖިބެއްކަން އޭނާ އަށް
އެނގޭނަމަ، އޭގެ ސަބަބުން ތަދައްބުރު ކުރުން އޭނާއަށް
ލާޒިމުކޮށްދެއެވެ.
އަދި އޭގެ ތެރެއިންވާ އެހެން ކަމަކީ ތަދައްބުރާއި ނުލަޔެއް ޚުޝޫޢު
އާއި ޚަޝްޔަތުގެ ބިރުވެތިކަމާއި (ﷲ އަށް) ތަޥްބާއިގެން އެނބުރުމާއި
ކަރުނައެޅުމެއް ޙާޞިލުނުވާނޭ ކަން ދަތުމެވެ. އޭގާއިވާ ޚިޠާބު
ފަހުމް ނުވާމީހާ ކަރުނައެއް ނާޅައެވެ. އެހެނީ ބަސްވަޙީ ކުރައްވާ
ފަރާތް ވާޙީ ކުރެއްވި އެއްޗެއްގެ ވާއެއްނުވާއެއް އޭނާއަކަށް
ނޭނގެއެވެ. އަދި އެވަޙީފުޅަކުން މުރާދަކުރެއްވި އެއްޗެއްވެސް
އޭނާއަކަށް ނޭނގެއެވެ.
އެގޮތުން ސަލަފުންގެ ބައެއް އިމާމުން ވިދާޅުވެތެވެ:
{يا أيها الذين آمنوا} އޭ ، ﷲ ގެ ވަޙީ އިން
ކަލޭމެންނަށް އިވިއްޖެނަމަ، ކަލޭމެންގެ ކަންފަތްތައް އެއަށް
ރަނގަޅަށް ދޭށެވެ. އެހެނީ އެއީ، އެހެންޏާ ކަލޭމެންނަށް އެއަކަށް
އަމުރު ވެވިގެންވާ ހެވެކެވެ. ނޫނީ އެއަކުން ނަހީ ވުމަށް
އެންގެވިގެންވާ ނުބައެކެވެ.
އަދިވެސް ތަދައްބުރުގެ ސަބަބު ތަކުގެ ތެރޭގައި އަދި އެއާއި
ވިދިގެންވާ ޙާޞިލުވާ ކަންކަމުގެ ތެރޭގައި ﷲ جل وعلا އަށް ލޯބިވުން
ހިމެނެއެވެ. މިކަމަކީ އަޅުކަމެކެވެ. އަދި ﷲ جل وعلا އަށް
ކުއްތަންވުމެކެވެ. ތަދައްބުރުކުރުމަކީ ﷲ އާއި ގާތްވެވުން ވާ
ކަމެއްކަން އަޅަކަށް އެނގޭނަމަ، އޭނާ ތަދައްބުރުކޮށް އެއަށް
ފުންކޮށް ވިސްނައި ފިކުރު ކުރާނެއެވެ.
ޤުރުއާން އެއްލައިލުން 5 ގޮތަކަށް ވާ ކަމުގައި އިބްނުލް ޤައްޔިމް
رحمه الله تعالى ޛިކުރު ކުރެއްވިއެވެ. އަދި އެހުރިހައި ކަމެއްވެސް
ﷲ جل وعلا ގެ މިވާޙީ ގެ ތެރެއަށް ވަދެއެވެ:
﴿وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوۡمِي ٱتَّخَذُواْ
هَٰذَا ٱلۡقُرۡءَانَ مَهۡجُورٗا﴾
(رسول އާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން،
ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ
އެއްޗެއްކަމުގައި ހަދައިފޫއެވެ.)
ފުރަތަމައީ، އަޑުއެހުމާއި އިމާންވުމުން އެއްކިބާވުމެވެ. (ނޯޓް:
އަލްޢަލްވާން ނަންގެންނެވީ ތިލާވަތް ކުރުމޭ އެވެ )
ދެވަނައީ، ޢަމަލު ކުރުމުން އެއްކިބާ ވުމެވެ. ⌝އެ ކިޔަވައި އެއަށް
އޭނާ އީމާން ވިއެއް ކަމަކުއެވެ.⌜
ތިންވަނައީ، އެއިން ޙުކުމް ކުރުމާއި އެއަށް ޙުކުމް ހޯދުމުން
އެއްކިބާ ވުމެވެ.
ހަތަރުވަނައީ، އެއަށް ތަދައްބުރު ކުރުމާއި އޭގެ މާނަ ފަހުމުން
ކުރުމުން އެއްކިބާ ވުމެވެ.
ފަސްވަނައީ، ހިތުގެ އެންމެހާ ބައްޔެއްގައި އެއިން ޝިފާ ހޯދައި
ފަރުވާހޯދުމުން އެއްކިބާވުމެވެ.
މިފާއިދާ އެކަލޭގެފާނު ޛިކުރު ކުރެއްވި އެކަލޭގެފާނުގެ ފޮތް
”އަލްފަވާއިދު“ ގައެވެ. އަދި ވިދާޅުވީ، މިއެންމެހާ ތަކެއްޗެއް ﷲ جل
وعلا ގެ މި ވަޙީބަސްފުޅު ތެރެއަށް ވަންނަ ކަމުގައެވެ.
﴿وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوۡمِي ٱتَّخَذُواْ
هَٰذَا ٱلۡقُرۡءَانَ مَهۡجُورٗا﴾
އެހެންކަމުން، ޤުރުއާން ހަޖުރުކޮށް އެއިން އެއްކިބާވުމާއިމެދު
ރައްކައުތެރިވާށެވެ. އެހެނަސް (މިނަންގަނެވުނު) ހަޖުރުތައް ވަނީ
އެކި ހަރުފަތް ތަކުގައެވެ. އޭގެން ބައެއް ތަކެއްޗަކީ
އަނެއްބައިތަކެއްޗަށް ވުރެ ބޮޑުވެގެންވާ ތަކެއްޗެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
(މަޞްދަރު)
~ ގަލަންދާނު